މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައިދެއްވުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތްތަނުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް އަހުމަދު އަދީބު ވަނީ 24 އޮކްޓޯބަރ 2015 ގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހައްޔަރުު ކުރައްވާ، ދޫނިދޫގައި ބަންދު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް އަހުމަދު އަދީބު ހައްޔަރު ކުރެވިފައިވަނީ، އެމަނިކުފާނާއެކު ކެބިނެޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަސީރުގެ އަމުރަށް، “ޤަޢުމަށް ޣައްދާރުވި”ކަމުގެ ތުހުމަތުގައެވެ.

ނާއިބު ރައީސް އަދީބުގެ މައްޗަށް ކުރެވެމުންދާ ތުހުމަތަކީ އޭގައި އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކަމަށާއި، ނާއިބު ރައީސްގެ އެއްވެސް ކުށެއް ނެތް ކަމަށް އެމަނިކުފާނުވަނީ އެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އިންސާފުވެރިކަމާއިއެކު، އެމަނިކުފާނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުޤީގު ކުރިއަށް ގެންގޮސް އިންސާފުވެރި ޝަރީޢަތެއް ކުރިއަށް ގެންގޮސްފިނަމަ، އެމަނިކުފާނުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވާނެއެވެ.

ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ދުވަހުން ފެށިގެން އެމަނިކުފާނަށް އަމިއްލަފުޅުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރަސަތު ދީފައި ނުވާކަން ފާހަގަކުރަމެވެ. ޕްރޮގްރެެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ނާއިބު ރައީސް ކަމަށް ނުހަނު ބޮޑު އަޣުލަބިއްޔަތަކުން އެމަނިކުފާނު އިންތިޚާބުވެ ވަޑައިގަތް ދުވަހުން ފެށިގެން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ދިވެހި ރާއްޖެއަށް ތަރައްޤީއާއި ތަމައްދުނު ގެނައުމަށެވެ. ފުދުންތެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަށެވެ.

ނާއިބު ރައީސް އަހުމަދު އަދީބު ހޯއްދެވި ކޮންމެ ކާމިޔާބެއް ހޯއްދެވީ ޕީ.ޕީ.އެމްގެ މެމްބަރުންގެ އެހީތެރިކަމާއި އެކުގައިކަން އެމަނިކުފާނު އަބަދުވެސް ފާހަގަ ކުރައްވައެވެ. އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި، ޕީ.ޕީ.އެމްގެ އެންމެހައި މެމްބަރުންނަށް އަބަދުވެސް އިޚުލާސްތެރި ބޭފުޅެކެވެ. އެމަނިކުފާނު ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު ހޯއްދަވާކަށް މަސައްކަތްޕުޅެއް ނުކުރައްވައެވެ. މި ނާޒުކު ދަނޑިވަޅުގައި އެފަދަ ވާހަކަތައް ފަތުރަމުންގެންދަނީ، އެމަނިކުފާނުގެ އަގު ވައްޓާލުމަށެވެ.

ނާއިބު ރައީސް އަހުމަދު އަދީބަކީ ރައީސް ޔާމީންގެ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ، ޕީ.ޕީ.އެމްގެ ހިންގުމުގައި އެންމެ މައި ތަނބުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތް ފަރާތެވެ. އެމަނިކުފާނުވަނީ ރައީސް ޔާމީންގެ ސަރުކާރު ގެނައުމަށާއި، އިންތިޚާބުތައް ކާމިޔާބު ކުރެއްވުމާއި ޕާޓީގެ ހަރަކާތްތައް ހިންގެވުމަށް ފަންޑު އެއްކުރެއްވުމަށް ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައެވެ. ހަމަ އެހެންމެ ޤައުމުގެ ދާޚިލީ ހަމަޖެހުން ހިފެހެއްޓެވުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައިވެއެވެ.

މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމުގެ ކުރިން، އެކަށީގެންވާ ހެކި ހޯދުމަކީ މައްސަލަ ތަޙުޤީގު ކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.

އެހެންނަމަވެސް، 28 ސެޕްޓެމްބަރ 2015 ގައި “ފިނިފެންމާ” ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަޙުޤީގު ކުރެއްވުމަށް އިސްކޮށް ހަރަކާތްތެރިވަމުންގެންދަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު ކަމަށްވެފައި، މި ތަޙުޤީގުގައި އެމަނިކުފާނުގެ ޢަމަލުތައް ހުރި ގޮތުން، މިދެންނެވި މައްސަލައިގެ ތަޙުޤީގު ހިނގަމުން ދަނީ މިނިވަންކަމާއިއެކުގައި ކަމަށް ޤަބޫލުކުރަން ދައްޗެވެ. މިމައްސަލައިގެ ތަޙުޤީގު ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ދިޔުމުން، މި ޢަމަލަކީ ސީދާ ނާއިބު ރައީސް އަހުމަދު އަދީބުގެ އަޑު ކަނޑުވާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން ސާބިތުވެއެވެ.

ނާއިބު ރައީސް އަހުމަދު އަދީބާއި އެމަނިކުފާނާއެކު މަސައްކަތްކުރައްވާ ބޭފުޅުންގެ މަސައްކަތުގެ ރޭޓު ރަނގަޅުވުމަކީ، ޒަމާނުއްސުރެ ރާއްޖޭގައި ބާރުތައް މުށުތެރޭގައި ހިފެއްޓުމުގެ ސަޤާފަތެއް ގެންގުޅެމުން އައި ފަރާތްތަކުގެ ހިތްތަކަށް ނުތަވަނަވަސްކަން އަންނާނެ ކަމެއްކަމަށް ނާއިބު ރައީސް ޤަބޫލުފުޅު ކުރައްވައެވެ. ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކާއި، އެެއްބައިވަންތަކަމާއި، ޒުވާނުން ބާރުވެރި ކުރުވުމާއި، ޒަމާނީ ގޮތްތައް ވެރިކަން ހިންގުމުގެ ނިޒާމަށް ގެނައުމުގެ ނަތީޖާއެއްގެ ގޮތުން، ޚުދުމުހުތާރު ވެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ ބާރުކެނޑި، ރައްޔިތުން އަންނަނީ ބާރުވެރި ވަމުންނެވެ. މީގެ ކުރީންވެސް ޢަމަލުކުރި ބީދައިން، އިންސާފުން ބޭރުވެ، ސިޔާސީ ގޮތުން އަޑު ކަނޑުވާލައިގެން ނާއިބު ރައީސަކު މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރެވުނު މައްސަލައިގައި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ނެރުއްވާފައިވާ ބަޔާނާއިމެދު ނުހަނު ގިނަގުނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ދިވެހި ރައްޔިތަކަށް ވީތީ ނާއިބު ރައީސް އަހުމަދު އަދީބަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވާލެވޭ ބޮޑު އޮޅުވާލުމެކެވެ. މިހާތަނަށް ނާއިބު ރައީސް އަހުމަދު އަދީބުގެ ބަންދާއި ގުޅޭގޮތުން ބޭއްވުނު އަޑުއެހުން ބާއްވާފައިވަނީ، އެމަނިކުފާނު ހައްޔަރުކޮށްފައި ހުރި ދޫނިދޫ ޖަލުގައި ހުންނަ، ވަރަށް ދަތި ކޮޓަރިއެއްގައެވެ. ނާއިބު ރައީސް އަހުމަދު އަދީބަށާއި އެމަނިކުފާނުގެ ޤާނޫނީ ޓީމަށް ސީދާ ކޯޓާއި މުޢާމަލާތް ކުރެއްވުމުގެ ފުރުސަތެއް ނެތެވެ. މިކަމުންވެސް އަންގައިދެނީ ނާއިބު ރައީސް އަހުމަދު އަދީބަށް ކޯޓުތަކުން އިންސާފު ހޯދުމަށް އެކަށީގެންވާ ފުރުސަތު ހޯއްދަވައިދެވިފައި ނުވާކަމެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހަރުކަށި ޓެރަރިޒަމްގެ ޤާނޫނުގެ ނަހަމަ ބޭނުންކޮށްގެން ސިޔާސި އެކިއެކި ފަރާތްތަކަށް ތަފާތު ގޯނާ ކުރުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

ބައިނަލްއަޤުވާމީ މުޖްތަމަޢުން މި މައްސަލައިގައި ކަންހިނގާ ނުހިނގާ ގޮތް މޮނިޓަރ ކުރެއްވުމަށް ނާއިބު ރައީސް އަހުމަދު އަދީބު އެދިވަޑައިގަންނަވައެވެ.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތަކީ، މިނިވަން ޤައުމެއްގެ ގޮތުގައްޔާއި ޖުމްހޫރިއްޔަތެއްގެ ގޮތުގައި، މި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނާޒުކު އެއް ޙާލަތެވެ. ނަހަމަ ގޮތުގައި ބާރުތައް ހޯދުމަށް އަޅުގަނޑުމެންގެ މުސްތަޤުބަލު ޤުރުބާން ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ނާއިބު ރައީސް އަހުމަދު އަދީބު ހުންނެވީ އިސްލާމް ދީނާއި ޑިމޮކްރަސީގެ އަސާސްތައް ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެވުމުގައި ސާބިތުކަންމަތީގައެވެ. ހަމަ އެ ބީދައިން، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޤާނޫނު އަސާސީ ރައްކާތެރިކޮށް ދެމެހެއްޓެވުމަކި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާގެވެސް ޒިންމާއެކެވެ.

ނާއިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވި ޙާލަތުން މިންޖުވެ ވަޑައިގަތްހާ އަވަހަކަށް ދިވެހިރާއްޖެ ބިނާކުރެއްވުމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ މަސައްކަތްޕުޅު ކުރެއްވުމަށް އަނބުރާ ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުވައެވެ. އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި، ޤާނޫނު އަސާސީގައި ބުނާފަދަ ދިވެހިރާއްޖެއެއް ދުށުމަށްޓަކައި އަޅުގަނޑުމެން އެންމެ އެކަތިގަނޑަކަށްވެ އެއްބައިވާން ޖެހެއެވެ.