އަދީބު ކޯޓުން ނެރެގެން ގެންދަނީ: އޭނާގެ ފޯނު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވަކީލުން ބުނޭ --ހަވީރު ފައިލް ފޮޓޯ

ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޮބައިލް ފޯނު ބޭނުންކޮށްގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފުލުހުން ބޭނުންކުރަމުންދާ ކަމަށް އަދީބުގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމަ އަށް ވެސް އޭނާ ހުރީ ބަންދުގަ އެވެ.

އަދީބުގެ ވަކީލުންގެ ޓީމުން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވަނީ ހައްޔަރުކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް އޭނާގެ ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ފޯނު އޭނާގެ އާއިލާއާ ވެސް ހަވާލުކޮށްފައިނުވާ ކަމަށެވެ. އަދި އެ ފޯނު ފުލުހުން އަތުލި އިރު ސޯޝަލް މީޑިއާ އެކައުންޓްތައް ހުންނާނީ ލޮގިންވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދީބުގެ ޓެލެގްރާމް އެކައުންޓުން އޮންލައިން ވެފައިވާ ކަމަށް ބައެއް ފަރާތްތަކަށް ފާހަގަވެފައިވާ ކަމަށާއި އެއީ އަދީބަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ހުއްދައެއް އެއްވެސް ފަރާތަކަށް އަދީބު ދީފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އަދީބުގެ ފޯނު ބޭނުންކޮށްގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގުމަކީ ފުލުހުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރަން އެ ބަޔާނުގައި އެދިފައިވެ އެވެ.

ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް ދަނީ ފުލުފުލުގައި ދައުވާ ކުރަމުންނެވެ. މިހާތަނަށް ވެސް ދެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިރު އިތުރު 40 އަށް ވުރެ ގިނަ މައްސަލަ އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ވެސް އަދީބަށް ވަނީ އުފުލައިފަ އެވެ.

އަސްލު އާޓިކަލް – ހަވީރު: http://www.haveeru.com.mv/dhivehi/news/184831?o=hm_m