l_145242016418MJBz

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ފޯމުގައި ބުނަނީ އެމަނިކުފާނު މޭޑޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ކަމުގައި އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، ވަކީލަކު ލައްވައި މައްސަލައިގެ ލިޔުންތައް ހޯދުމަށް އެދުނު ނަމަވެސް ދައުވާ ފޯމު ފިޔަވައި އިތުރު އެއްޗެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.

“ވަކީލެއް ލައްވައި މައްސަލައިގެ ޑޮކިއުމެންޓްތައް ހޯދަން ސިޓީލުމުން ދިނީ ހުލާސާ ބަޔާނެއް އެކަނި. ހުލާސާ ބަޔާން އެކަނި ލިބިގެން ވަކީލަކު ހަމަޖައްސަން އުނދަގޫ،” އަދީބު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް އުފުލާފައި ވަނީ ފިސްތޯލައެއް ގެންގުޅުކަމުގެ ތުހުމަތުގައެވެ. ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ނާއިބު ރައީސް ދިރިއުޅުއްވި އެޕާޓްމަންޓުގައި އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބައެއް ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އަދީބު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލަ ގެންގުޅެފައި ވަނީ ތަންކޮޅެއް ކުރިން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު ފަރާތްތަކުން ފުލުހުންނަށް އެކަން ކުރިން ރިޕޯޓުކޮށްފައި ނުވަނީ އޭރުގެ ހާލަތު އޮތްގޮތުން ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

 

އަޞްލު ލިޔުން – ސަން އޮންލައިން: http://sun.mv/67729