959542775

ނައިބު ރައީސް އަހްމަދު އަދީބްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ މިއަދު މެންދުރު 2:30ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިއްޔެއިން ފެށިގެން 30 ދުވަހަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވާތީ އެކަމާއި ބަހުސް ކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ބޭއްވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މެންދުރު 2:30ގައި ޖަލްސާއެެއް އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ޖަލްސާ އޮންނާނެކަން އިއުލާން ކުރައްވާފައިވާއިރު މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ އެ ޖަލްސާއަކީ ނައިބު ރައީސް އަދީބުގެ މަގާމުން ވަކި ކުރެއްވުމަށްޓަކައި ގަރާރު ހުށަހެޅުމަށްޓަކައި ބާއްވާ ޖަލްސާ ކަަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ނައިބު ރައީސް އަހުމަދު އަދީބަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް 7 ދުވަހަށް އިއްޔެބަދަލްކޮށްފައިވާއިރު، އެއީ ގާނޫނު އަސާސީއާއި ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވަނީ ގާނޫނީ ވަކީލުން ބުނެފައެވެ.

އޭގެ އިތުރުން އަދީބުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހުސެއިން ޝަމީމް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް އިއްޔެވަނީ ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައެވެ.

ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ފާސްކުރެވޭނީ 57 މެމްބަރުންގެ ވޯޓުން ކަމަށްވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެ ވޯޓްގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.

ސަރުކާރު ކޯލިޝަނުގެ މެމްބަރުން އިސްނަގައިގެން ނައިބު ރައީސް އަހްމަދު އަދީބުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ 52 މެމްބަރުން ސޮޔާއި އެކުގައެވެ.

ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގެންނެވުމަށް އަދީބު މަޖިލީހަށް ވަޑައިގަންނަވާނެ ކަން އަންގާފައިވާއިރު، މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނައިބު ރައީސްއަށް ޖަވާބުދާރީ ވުމަށް 30 މިނިޓްގެ ފުރުސަތެއް ދިނުމަށް ނިންމާފައެވެ.

ސަރުކާރު ކޯލިޝަނުން ބޭނުންވަނީ ޖުމްހޫރީ ދުވަހުގެ ކުރިން ނައިބު ރައީސް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކާމިޔާބުކުރުމަށް ތްރީލައިން ވިޕެއްވެސް ވަނީ ނެރެފައެވެ.

 

އަސްލުު ލިޔުން – ސީ.އެން.އެމް: http://cnm.mv/scnm/f/?id=42775