ދިވެހި ޖުމްހޫރިއްޔާގެ ނާއިބު ރައީސް އަލްފާޟިލް އަހުމަދު އަދީބު ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ މިއަދަށް 11 ދުވަސް ވެގެންދިޔައިރު، އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަންމަތީއެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ލިބިދާނެ ގެއްލުމަކަށް، ދިމާވެދާނެ ނުރައްކަލަކަށް ބެލުމެއްނެތި އެމަނިކުފާނަށް ތާއީދުކުރެއްވުމުގައި ދެމިތިއްބެވި އެންމެހައި ފަރާތްތަކަށް އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވައެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ނާއިބު ރައީސް އަހުމަދު އަދީބަށް ސަރުކާރުން ކުރިމަތިކުރުވާފައިވާ ޙާލަތާއިމެދު ސިއްރިއްޔާތުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ، އެމަކިނުފާނާއި ރަހުމަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވައެވެ. އެފަދަ މެމްބަރުންގެ ދުރު ވިސްނުމާއި ބޭނުންކުރައްވަމުން ގެންދަވާ އުކުޅުތަކުގެ ސަބަބުން، މި ނާޒުކު ހާލަތުން މިންޖުވުމަށްފަހު ދެން ކުރިމަތިވެދާނެ ކަންކަމުން އަރައިގަތުމަށް ފަސޭހަވާނެކަމަށް ނާއިބު ރައީސް ޤަބޫލުފުޅު ކުރައްވައެވެ.

ނާއިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ޒާތީ އަދި ސިޔާސީ ގޮތުން ތަފާތު އެކި ހަމަލާތައް، ކެނޑިނޭޅި ދެމުންގެންދާ މި ދަނޑިވަޅުގައި، އެ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި އެމަނިކުފާނު ހައްޔަރުކުރެވުނު ފަހުން ފެންމަތިވެފައިވާ ބޮޑެތި ހާދިސާތަކާއިމެދު، ނާއިބު ރައީސް ނުހަނު ކަންބޮޑުވުން ފާޅުކުރައްވައެވެ.

ރައްކާތެރިކަން

އެއްވެސް މީހަކާއި ދެކޮޅަށް އަނިޔާވެރި އަމަލެއް ހިންގުން ނުވަތަ އަނިޔާވެރި އަމަލެއް ކުރާނެކަމުގެ އިންޒާރު ދިނުމަކީ ނާއިބު ރައީސް ނުހަނު ކުށްވެރި ކުރައްވާ ކަމެއްކަމުގައި ދަންނަވާ ހާލު، މުލީއާގެ ކައިރިން ފެނުނު ބޮމެއްކަމަށް ޝައްކުކުރެވޭ އެތި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވުމަކީ ނައިބުރައީސް ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. ހަމަ މި ދަނޑިވަޅުގައި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރާއި ސަލާމަތީ ބާރުތަކުން މަސައްކަތް ކުރައްވާފައިވަނި އެއްވެސް ވަރެއްގެ ދުރުވިސްނުމެއް ނެތިކަން ފާހަގަކުރަމެވެ. ހަމައެއާއިއެކު، މި ސިޔާސީ ހައިޖާނުގަނޑުގައި ޢާންމު ރައްޔިތުންވެސް ޝާމިލްކޮށް، ބިރުވެރިކަންމަތީ ޢާންމު ރައްޔިތުން ތިބެންޖެހިފައިވާކަމީ ހިތާމަހުރި ކަމެކެވެ.

މިހާރު ހިނގަމުންމިދާ އެންމެހައި ކަންތައްތަކުގެ އަސްލު ޢާންމު ރައްޔިތުންނަށް ވިސްނިވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް ނާއިބު ރައީސް ޤަބޫލުފުޅު ކުރައްވައެވެ.

 

ބަޖެޓު

 

އަވަސްއަރުވާލައިގެން ދިވެހި ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ފާސްކޮށްފިނަމަ، އެކަމުގެ ސަބަބުން އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ދިވެހިރާއްޖެ ވެއްޓުމަކީ ނުހަނު ގާތްކަމެކެވެ. މިފަދަ ޤަޢުމީ މަސައްކަތްތައް އަވަސްއަރުވާލަން ނުވާ މައިގަނޑު ސަބަބަކީ، ދިވެހި ދައުލަތުގެ ބަޖެޓު ހަދަނީ ކުރިއަށް އޮތް މުޅި އަހަރަށް ބިނާކޮށްކަމަށް ވެފައި، ނުރަނގަޅު ފިޔަވަޅުތަކެއް އެޅިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ކުރާނެތީއެވެ. ރައްޔިތުންގެ މަޖިލީހުން ދިވެހި ދައުލަތުގެ ބަޖެޓު ފާސްކުރައްވަން ވާނީ ރަނގަޅަށް ބަހުސްކުރެއްވުމަށްފަހު، މަޖިލީހުގެ ހުރިހާ މެމްބަރުންގެ ޚިޔާލާއި ފިކުރު އޭގައި ޝާމިލުވާގޮތައް ކަމުގައި ނާއިބު ރައީސް ޤަބޫލުފުޅު ކުރައްވައެވެ. އަދި ސިޔާސީ ނާޖާއިޒު ފައިދާތައް ހާސިލުކުރުމަށް ބޭނުންކުރާ ސަވާރީއަކަށް ދިވެހި ދައުލަތުގެ ބަޖެޓު ނުހެއްދެވުމަށް ނާއިބު ރައީސް އިލްތިމާސް ކުރައްވައެވެ.

 

ފަތުރުވެރިކަން

ދިވެހިރާއްޖެއަކީ އިޤްތިސާދީ ހުރިހާ ރޮނގެއްގައި ފަތުރުވެރިކަމަށް ބިނާވާ ޤައުމެއް ކަމުގައި ވީހިނދު، ނާއިބު ރައީސް އެތައް އަހަރެއް ވަންދެން ކުރެއްވި ބުރަ މަސައްކަތްޕުޅު މަދު ދުވަސްތަކެއްގެ ތެރޭގައި ނެތިގެން ދާތަން ފެންނަމުންދާތީ، އެކަމާއި އެމަނިކުފާނު ނުހަނު ހިތާމަ ކުރައްވައެވެ. ދުނިޔޭގެ ޓުއަރިޒަމް ކޮންފަރެންސް ކުރިއަށްދާ މި ދަނޑިވަޅާއި މި ނާޒުކު ހާލަތު ބައްދަލުވިކަމީ، އެކަމުގެ ނޭދެވޭ އަސަރު ނުހަނު ބޮޑަށް ރާއްޖެއަށް ކުރާނެ ކަމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ޖެހިގެން އަންނަ އަހަރަށް މަންޒިލެއް ޚިޔާރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ސަމާލުކަންދޭހނިދު، މިއަދު ފެނިގެން މިދާ މަންޒަރަކީ އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޤުރުބާން ކުރެވޭ މަންޒަރެވެ.

މިއަދުގެ ވަގުތެއްގައި ކުއްލި ޙާލަތު އިއުލާން ކުރެވިގެން ދިޔުމާއިއެކު، އެކަމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް އެޤައުމުތަކުގެ ރައްޔިތުން ރާއްޖެއަށް އައުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެ، އިލްތިމާސްކުރަން މަޖުބޫރުވާނެއެވެ.
ޑިމޮކްރަސީ

 

ޢާންމު އުސޫލުން ބޭރުން، ތަފާތު އެކި ފަރާތްތަކުގެ އަޑު ކަނޑުވަމުންގެންދާ ދިޔުމަކީ ނާއިބު ރައީސް ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

ޒުވާނުން ބާރުވެރި ކުރުވުމާއި، ސަރުކާރު ހިންގުމުގައި ހުރިހާ ފަންތިއެއްގެ މީހުންގެ ޚިޔާލު ހޯއްދެވުމަށް ނާއިބު ރައީސް ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން، ދިވެހިންގެ މުސްތަޤުބަލު ކަނޑައެޅުމަށް ދިވެހިންނަށް ބާރުލިބިގެންދިޔައެވެ. މި މަސައްކަތަށް ދެވޭ ކޮންމެ ހަމަލާއަކީ، ކުރީގެ ޚުދުމުހުތާރު ގޮތަށް ރުޖޫޢަވުމަށް ކުރެވޭ މަސައްކަތެއްކަމަށް ދިވެހި ރައްޔިތުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ޤަބޫލުކުރެއެވެ.

ނޫސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ފާޑުކިޔުންތެރިން ހައްޔަރުކޮށް، ޖަލަށްލައި ހެދުމަކީ އަޅުގަނޑުމެން ޤަބޫލުކޮށްގެންތިބި ޑިމޮކްރަސީގެ ތެރެއިން ޖާގަދެވޭނެކަމެއް ނޫންކަމަށް ނާއިބު ރައީސް ޤަބޫލުފުޅު ކުރައްވައެވެ. އަދި އެފަދަ އެންމެހައި ކަންތައްތައް ނިމުމަކަށް ގެނައުމަށް ނާއިބު ރައީސް ގޮވާލައްވައެވެ.

ދިވެހިރާއްޖޭގައި ކުއްލި ޙާލަތު އިއުލާނު ކުރެވިގެން ދިޔުމަކީ ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަން ނައްތައިލުމަށް ދީފައިވާ ހަމަލާއެކެވެ. މިކަމުގައި ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނާއިބު ރައީސްގެ އޮފީހުން އިލްތިމާސް ކުރަމެވެ.

 

ބައިނަލްއަޤުވާމީ

 

ވެރިކަން ހިންގުމަށް ދިވެހި ސަރުކާރު ނުކުޅެދިފައިވާކަން މިހާރު ބައިނަލްއަޤުވާމީ މުޖްތަމަޢަށް ވަނީ ހާމަވެފައެވެ.

އިއްޔެރޭގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ދިވެހިރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައި ނުވާކަމަށް އިއުލާނު ކުރެއްވުމުން، ފޮރިން މިނިސްޓަރުގެ ޒިންމާތައް އަދާކުރެއްވުމުގައި އެކަމަނާ ނުކުޅެދިފައިވާ މިންވަރު ހާމަވެގެންދެއެވެ. ހަމަ އެހެންމެ، މިއަދުގެ ވަގުތެއްގައި ދިވެހި ސަރުކާރުން ކުއްލި ޙާލަތު އިއުލާން ކުރެއްވުމުން، މިނިސްޓަރ އޮފް ފޮރިން އެފެއަރޒަށް ދިވެހިރާއްޖޭގައި ކަންހިނގާ ނުހިނގާގޮތް އެނގިވަޑައިނުގަންނަވާކަން ހާމަވެގެންދެއެވެ.

 

ނިންމާލުން

 

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ އެންމެހައި ކަންތައްތަކާއިމެދު ސަމާލުވެ ތިއްބުމަށް، ނާއިބު ރައީސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި، ކެބިނެޓުގެ ބޭފުޅުންވެސް ބާރުތައް ބޭނުންކުރެއްވުމުގައި އިންސާފުވެރިވުމަށް ނާއިބު ރައީސް ގޮވާލައްވައެވެ. މަޤާމުގެ ގޮތުން ކޮނޑުގައި އެޅޭ މަސްއޫލިއްޔަތުތަކަކީ، ނާޒުކު ދަނޑިވަޅުތަކުގައި އުނދަގުލެއްކަމުގައި ވީނަމަވެސް، ހަމަޖެހުން އައުމާއެކު، އެކަމުގެ ހެޔޮ އަސަރު ފެނިގެންދާނެއެވެ. އެކަމުގެ ސަބަބަން، މިހާރަށްވުރެ ރަނގަޅު ދިވެހި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިވާނެކަމީ ކަށަވަރު ކަމެކެވެ.

މިއަދު ދިމާވެފައިމިވާ ފަދަ ޙާލަތްތަކުގައި ޢަމަލުކުރަންވާނީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ޑިމޮކްރަޓިކް ސަރުކާރެއްގެ މައިގަނޑު ބޭނުމަކީ ޢާންމު ރައްޔިތުންގެ އުންމީދުތައް ހަޤީގަތަކަށް ހަދައިދީ، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަން، ދިވެހި ސަރުކާރުގެ އިސްވެރިންނަށް ނާއިބު ރައީސް ހަނދުމަފުޅުކޮށްދެއްވައެވެ.